ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު އިއުލާންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް މިކަން އިއުލާންކުރެއްވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ މުހިންމު ބިލުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ޑޭޓޭ ޕްރޮޓެކްޝަން ބިލަކީ، އުޝާމް ވިދާޅުވި ގޮތުގައި، މި ބިލުގެ މަސައްކަތް ކުރަމުންދ ދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުވާނެ އެވެ.
"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" އުޝާމް ވިދާޅުވި އެވެ.
ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން މި އުޅެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިމިގްރޭޝަނުން މައުލޫމާތު ބަދަލުކުރާތީ ބޮޑު މައްސަލަގަނޑެއް ފެންމަތިވެގެން އުޅެނިކޮށެވެ.
ބީއެމްއެލް އާއި އިމިގްރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކާޑުތަކުން ބޭރު ގައުމުތަކުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ލިބޭ ލިމިޓު އެކްޓިވޭޓު ވަނީ އިމިގްރޭޝަނުން އެ މީހަކު ރާއްޖޭން ބޭރުގައި ހުރިކަން ކަށަވަރުކޮށްދިނީމަ އެވެ. މިކަމާ ކަންބޮޑުވާ ގިނަ ބަޔަކު ބުނަމުން އަންނަނީ މި ގޮތަށް ރުހުން ނެތި މައުލޫމާތު ބަދަލުނުކުރެވޭނެ ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ނުހޯދާ ކަމަށާއި އަދި ޒާތީ މައުލޫމާތު ހިއްސާނުކުރާ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އެ ބޭންކުން މީޑިއާތަކަށް ބުނީ، އިމިގްރޭޝަނުން ހޯދާ ހަމައެކަނި މައުލޫމާތަކީ އެ މީހަކު ރާއްޖޭން ބޭރުގައި ހުރިތޯ ނުވަތަ ނޫންތޯ އެވެ.
ބޭންކުން މި ޔަގީންކަން ދިން ނަމަވެސް، ފަންނީ މީހުން ހިމެނޭހެން، މިކަމާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިޔާލުފާޅުކޮށްފައިވާ މީހުން ބުނަނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ނެތި މި ގޮތަށް މައުލޫމާތު ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.